ދިވެހިރާއްޖޭގެ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (NAP) މަޝްރޫޢުގެ ފުރަތަމަ ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ މުހިންމު ފަރާތްތަކާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (UNEP) ގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށް ޓޫތިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ NAP މަޝްރޫޢުގެ މިހާރުގެ ކުރިއެރުންތައް ދިރާސާކޮށް، ކުރިއަށް އޮތް މަސައްކަތު ރާވައި، އެއަށް ތާއީދުކުރުމެވެ. ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން މަޝްރޫޢަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ތައްޔާރުވުމަށްޓަކައި އެކުލަވާލެވިފައިވާ ކޮމްޕްރެހެންސިވް ޕްލޭނެކެވެ.
ބައްދަލުވުމުގައި، މިހާތަނަށް މަޝްރޫޢުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކާއި އޭގެ ނަތީޖާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި، މަޝްރޫޢުގެ ކުރިއަށް އޮތް މަރުޙަލާތަކުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތަފްޞީލީ ރިޕޯޓަށް އެއްބަސްވެ، އެކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި މިފަދަ މަޝްރޫޢުތަކަކީ ޤައުމީ ފެންވަރުގައި ވަރަށް މުހިންމު ބިންގަލެކެވެ.
މި ލިޔުން ކިޔާލުމުން