ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމައި، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށާއި، މިގޮތަށް ކަނޑައަޅާފައި މިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން ލިބިފައިވާ އާންމުންގެ ޝަކުވާތަކަށް ރިޢާޔަތްކޮށްގެން ނިންމި ނިންމުމެކެވެ.
މި ލިޔުން ކިޔާލުމުން