ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ލޯންޗުކޮށްފިއެވެ.
މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް ބެލެން ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ މިއީ އެޕްގެ ފުރަތަމަ ވާރޝަން ކަމަށާއި، މި އެޕް މިހާރު ފޯނުތަކަށް ލިބޭނީ ގޫގުލް ޕްލޭސްޓޯރުން ކަމަށެވެ. އަދި އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ މި އެޕްގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށާއި، އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތު ކަމަށެވެ.
މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެއެވެ.
މި ލިޔުން ކިޔާލުމުން