Saturday, October 31
މައްސަލަތަކުގެ އަދާހަމަ ނުލިބިގެން ރައްޔިތުން ކުރާ ޝަކުވާތަކަށް ނިމުން ގެންނާނަން: ސީޕީ

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށާއި އެކަން ރަނގަޅު ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. މިގޮތުން ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

"ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އެނގިގެންދިއުން ވަރަށް މުހިންމު. ގޮންޖެހުންތަކުގައި ހުރި ކަންކަމަކީ. މިހާރު އިންވެސްޓިގޭޝަން ކަންކަން ވަރަށް ކޮމްޕްލެކްސްކޮށް މިއޮތީ. އަޅުގަނޑުމެންގެ ތަހުގީގުތައް ބައްޓަން ކުރުމަކީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުމެއް. އެހެންވީމަ އެކަންކަން ރަނގަޅު ކުރުމަށް ޓްރެއިން ކުރުމާއި ރީޓްރެއިން ކުރުމާއި ސުޕަވައިޒަރސްގެ ސްކިލްސް ބިލްޑް ކުރުމަކީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. އަދި ކުރަން ފައްޓާފައިމިހާރު ވާކަމެއް އެއީ"، ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތާމެދު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާ ސީޕީ ވިދާޅުވީ އެކްޓިން ކޮމިޝަނަރގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެންމެ އިސްކަމެއް ދެއްވީ ފުލުހުންގެ ޚިދުމަތާމެދެ ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަން ބަލައި އެގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރައްވަމުންދާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

އަދި ރައްޔިތުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އައު ކަންކަން ފެށުމަށްވުރެ ބޮޑަށް މިހާރު ފަށާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ސީޕީ ނަވީން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު