ވަގަށް ނަގާފައިވާ ސައިކަލަކާއި ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް ކަމަށެވެ. އޭނާގެ މުއުރަކީ 39 އަހަރެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވަގުތު އަރައި އިންސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެންނެވެ.

އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވެއެވެ. އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވެއެވެ.މީގެއިތުރުން އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން