Saturday, October 31
ކެޔޮޅުންގެ ލޮބީން އެއް ލައްކަ ރުފިޔާގެ އިނާމު ކަނޑައަޅައި މަސް ރޭހެއް ބާއްވަން ނިންމައިފި

ކެޔޮޅުންގެ ލޮބީން "މޯލްޑިވްސް ޓޫނާ ރޭސް 2025" ގެ ނަމުގައި މަސް ރޭހެއް ބާއްވަން ނިންމައިފިއެވެ. މި ރޭހުގައި އެއްވަނައަށް ދާ އޮޑިއަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސް ރޭހަކީ ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލެވިފައިވާ ރޭހެކެވެ. ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު މި ރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް ވިދާޅުވި ގޮތުގައި މި ރޭހުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ދޮށީގެ މަސްވެރިކަމަށް ޝައުޤުވެރިކުރުވައި، މަސްވެރިކަމާރިކަމާ ދުރަށް ގޮސްފައިވާ ޒުވާނުން އަނބުރާ ގެނައުމެވެ. އަދި މީގެ އިތުރުން މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫޙު ދިރުވުމެވެ.

24 ގަޑިއިރަށް ކުރިއަށްދާ މި ރޭހުގައި ބައިވެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދޮށީގެ މަސްވެރިކަން ކުރާ އޮޑިފަހަރަށެވެ.

މި ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގައެވެ. ރޭހުގެ ވަނަތައް ކަނޑައަޅާނީ މިހާރުވެސް ދޮށީގެ މަސްވެރިން މަސްކިރާ އުސޫލާ އެއްގޮތަށް މަހުގެ ބަރުދަން ބަލައިގެންނެވެ.

ރޭހުގައި އެއްވަނައަށް ދާ އޮޑިއަކަށް 100,000 ރުފިޔާ، ދެވަނައަށް ދާ އޮޑިއަކަށް 50,000 ރުފިޔާ، އަދި ތިންވަނައަށް ދާ އޮޑިއަކަށް 25,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5,000 ރުފިޔާ ލިބޭނެއެވެ.

ކެޔޮޅުންގެ ލޮބީން ބުނެފައިވާ ގޮތުގައި މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާ އާންމުކޮށް ހުޅުވާލެވޭނެއެވެ. މި ރޭހަކީ ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާޢަތަށް އޮންނަ ލޯބި އިތުރުކުރުމަށް ބާއްވާ ހަރަކާތެއްކަމަށްވެސް ކެޔޮޅުންގެ ލޮބީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު