ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސަޢުދީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލުކުރައްވައި، ޙާލު ބައްލަވާލައްވާފައެވެ.
ދިވެހި ޙައްޖާޖީންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ދިވެހި ޙައްޖުވެރިންނަށް ހުރި އެކި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ވެކްސިނާއި ހަދަންޖެހޭ ޓެސްޓުތައް ހިލޭ ހެދޭނެ ގޮތް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައިވާއިރު، ޙައްޖުގެ އަޅުކަމުގައި ސަޢުދީގައި ތިބޭއިރު ހިލޭ ބޭސް ލިބޭނެ އިންތިޒާމުތައް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކާމެދު ޚިޔާލުބަދަލުކުރައްވާފައެވެ.
މީގެއިތުރުން، ސަޢޫދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑޮކްޓަރ ތައުފީޤު ބިން ފައުޒާން އައްރަބީޢާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ
މި ލިޔުން ކިޔާލުމުން