Saturday, October 31
ލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް، އެކަމަށް ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ހަދިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާ ކުރައްވާފައިވާ ގަސްތަކެއް ކަމަށާއި، މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއެކު، ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ގަސް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ކަމަށާއި، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްގެންދާ ކަމަށެވެ.

ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވާފައިވާ ކަމަށާއި، މ. އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މި ހިނގާ ޖޫން މަހުގެ ތެރޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 565،000 ގަސް އިންދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު