އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު އަރުވައިފިއެވެ.
އައިއައިޔޫއެމްއިން މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ އެމަނިކުފާނު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ޝަރަފު އެރުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ އައިއައިޔޫއެމްގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ.
ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވިފައިވަނީ ޑޮކްޓަރ އޮފް ފިލޮސޮފީ އިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ. އައިއައިޔޫއެމްއިން ބުނީ ރައީސް ޑރ. މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ، ދުރުވިސްނޭ، ކާމިޔާބު ލީޑަރެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ރައީސް ޑރ. މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓް އެރުވި ފުރަތަމަ ދިވެއްސެވެ. އަދި އެމަނިކުފާނަކީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ޔުނިވަރސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ.
އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ. 1990ގެ އަހަރުތަކުން ފެށިގެން ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މިއަދާ ހަމައަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާކަމަށް އައިއައިޔޫއެމްއިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން