Monday, November 2
ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތައް: ވަޒީރު އާދަމް ނަޞީރު

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިގޮތުން ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރުގެ ތެރެއިން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން ތިބި، ކިޔަމަންތެރި، އެއް ސަފެއްގައި އެއް އަމާޒަކަށް އެކުގައި ކުރިޔަށް ދިޔަ ބައެއް ކަމަށާއި، މި ހުރިހާ މާނައެއް މި ކުޅިވަރުގެ ތެރެއިން ދައްކާދޭ ކަމަށެވެ.

މީގެ އިތުރަށް ތަހުޒީބު ޙަޟާރަތެއްގެ ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި ހުންނަ އެ ފަދަ ހަރުދަނާ ގޮތްތަކާއި ސިފަތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބަސްދީގަތުމުގައި ހިއްޗަށް ވަޑައިގަތުމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ހިއްޗަށް ވަޑައިގަތުމަކީ ރަސްކަމުގެތެރޭގައި ބޭއްވޭ އަދި ރަސްގެފާނު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހައިބަތު ހުރި ރަސްމިއްޔާތެއްކަމަށާއި ނަމަވެސް މިރޭ މި ބޭއްވެނީ ހަމައެކަނި އަދުގެ ޖީލުތަކަށް އޭގެ ތަމްސީލީ ދައްކާލުމެއް ކަމަށެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ތަރިކަ އަދުގެ ޒުވާނުންނަށް ތައުލީމެއްގެ ގޮތުގައި ފޯރުވައިދިނުމުގެ ވިސްނުންފުޅަށް ބައްޓަން ކުރެވިގެން، ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު އަދުގެ ޒުވާން ޖީލާ ހަމަޔަށް ފޯރުވައިދިނުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތާރީޚުގައި މި ހަރަކާތަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ވަކި ދުވަސްތަކެއްގައި، ނުވަތަ ރޭތަކެއްގައި އޮންނަ ހަރަކާތެކެވެ.

މިކަމާ ގުޅިގެން ތަފާތު ކެއްކުންތައް ކައްކާ، ހިތި ގެއެއްވެސް އޭރު ތައްޔާރު ކުރާ ކަމަށާއި، ބަތް ފިޔަފާޅި ކިޔާ ތަނެއް އޭރު ތައްޔާރު ކުރާ ކަމަށާއި، މިނޫންވެސް ބައެއް ރަސްމުތައް ހިމެނޭކަން ތާރީޚުން އެނގޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ތަމްސީލު ގެނެސްދީފައިވަނީ ގިނަ މުއައްސަސާތަކަކުން ގުޅިގެން ވުޒާރާގެ އިސްނެންގެވުމުގެ މަތީންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މިކަންކަން އުފެދިގެން އައިގޮތަކާއި އޭރު މިކަންކަމުން ނެގުނު މާނަތަކަކާ ދިވެހިންގެ ދިރިއުޅުމުގެ ހަޔާތުގައި މިކަންކަން އަދާ ކުރި ދައުރު އެއީ ދިރާސާކޮށް ބަލަން ޖެހޭ ކަންކަން ކަމަށާއި ހިއްޗަށް ވަޑައިގަތުމުގައި އިހު ޒަމާނުގައި ދީނީ ބައެއްވެސް ހިމެނޭ ކަމަށާއި މިހާރު މިގެނެވެނީ ހަމައެކަނި ތާރީޚީ ދައްކާލުމެއްގެ ގޮތުގައި ކަމަށެވެ.

ހަމައެހެން އެކި ޒަމާނުގައި އެކި ތަފާތާއެކު ހިއްޗަށް ވަޑައިގަތުން ކުރިޔަށް ގެންދެވިފައިވާކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު