ފިތުރު އީދު ދުވަހާ ދިމާކޮށް ފެށުމަށް ހަމަޖެހިފައިވާ މިލަންދޫ ކައުންސިލް ކަޕް 2025 ގައި، މި އަހަރު ގޯލްޑަން ފުޓްސެލް ޗެލެންޖް ގައި މޮޅު ކުޅުމެއް ދެއްކި ނައިވާދޫގެ ދެ ކުޅުންތެރިން ކަމަށްވާ ސާއިން އަދި ޔާންޓެ، މިލަންދޫގެ ސިކްސްޕެކް އެސްސީ ކުޅުމަށް ނިންމައިފިއެވެ. މި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުންވެސް ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެއެވެ.
މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު ޚާއްޞަ ސަމާލުކަމެއް ލިބޭނެ ބައެއް ކުޅުންތެރިންގެ ތެރޭގައި ވާދޫ ޓީމުގެ ކެޕްޓަން އަޔާ އާއި އެ ޓީމުގެ ގޯލްކީޕަރު އަސޫ، ކުޑަހުވަދޫ ޓީމުގެ ކެޕްޓަން ޖުމްބެ، ވިލިމާލެ ޓީމުގެ ވައްޖެ އާއި ސިޔަޅޭ، އަދި 2023 ވަނަ އަހަރުގެ ފުޓްސެލް ކިންގް އޮންލީ ހިމެނެއެވެ.
ގޯލްޑަން ފުޓްސެލް ޗެލެންޖް 2025 ގައި ސާއިން ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހާސިލުކޮށްފައެވެ. އަދި ނައިވާދޫ ޓީމުގެ ކެޕްޓަން ޔާންޓެ ވަނީ މުޅި މުބާރާތުގައި ފާހަގަކޮށްލެވޭ ޕަފޯމަންސްއެއް ދައްކައި، އެ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މި ދެ ކުޅުންތެރިންނަކީ ނައިވާދޫ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންނެވެ.
މި މުބާރާތާ ބެހޭގޮތުން "ސަބަބު" ނޫހަށް މަޢުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ އާތިފް ވިދާޅުވީ، މި އަހަރުގެ ކައުންސިލް ކަޕަކީ މިހާތަނަށް އިންތިޒާމުކުރެވުނު އެންމެ ފެންވަރު މަތީ މުބާރާތް ކަމުގައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ނަން މަޝްހޫރު ފުޓްސަލް ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވާނެ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

މިލަންދޫ ކައުންސިލް ކަޕް 2025 ގައި ޖުމުލަ 7 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ މިލަންދޫ ފުޓްސެލް ދަނޑުގައި ލީގު އުސޫލުންނެވެ. މި ގޮތުން ކޮންމެ ޓީމަކުންވެސް މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކާއެކު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ޕޮއިންޓް ޓޭބަލްގެ އެންމެ މަތިން ޖާގަ ހޯދާ ހަތަރު ޓީމެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އަދި ހުރިހާ މެޗުތަކެއް މިލަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން