Monday, November 2
ވައި ނުސާފުވުމުގެ މައްސަލަ ދިމާވާތީ ނަޝީދުގެ ކަންބޮޑުވުން
ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ އަހަރުން އަހަރަށް އިތުރުވަމުން އަންނާތީ، ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ވައި ނުސާފުވާ މައްސަލަ ދިމާވަނީ ރާއްޖޭގެ ޓޫރިޒަމް ގެ ޕީކް ސީޒަން އާއި ދިމާކޮށް ކަމަށާއި އެކަން އެގޮތަށް އަބަދު މެދުވެރިވާނަމަ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެކަން ޔަގީންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ވައި ނުސާފުވާ ހުރިހާ ތަޣައްޔަރުކަމެއް ރާއްޖޭގެ ސަރަހައްދަށް އަންނަނީ އެހެން ގައުމުތަކުން ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ގައުމުތަކުން މަސައްކަތް ކުރަންޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ މިފަހުން ރާއްޖެއަށް ވިއްސާރަކުރާ މިންވަރު ކުރިއަށްވުރެ އިތުރުވެ ލިބޭ ގެއްލުންތައް އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މޫސުމީ މައްސަލަތައް ރާއްޖެއަށް ކުރިމަތިވާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަވާން ފަށާފައިވާއިރު ސަރުކާރުން ވެސް އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެކި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ގައުމުތަކުގެ އެހީ ބޭނުންވާކަމަށް އަންނަނީ ބުނަމުންނެވެ. ރައީސް މުޙައްމަދު ނަޝީދު މިހާރު ދަނީ ކްލައިމެޓް ވަލްނެރެބެލިޓީ ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވަމުންނެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު