ގަވާއިދާ ޚިލާފަށް ބޮޑު އަގުގައި ގައްދޫގައި ޓިއުޝަން ދޭ ބިދޭސީ މުދައްރިސުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ރަށު ކައުންސިލުން ދީފިއެވެ.
ގައްދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ނިޒާމީ ތަޢުލީމު ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން އާންމުނަށް ނުކަތާވަރުގެ އަގު ކަނޑައަޅައިގެން ރަށުތެރޭގައި ޓިއުޝަން ދޭ ކަމުގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅިގެން މިއަދުން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ތަޢުލީމީ ވުޒާރާއާއެކު އެ ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށް އިޢުލާނުގައި ވެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ މިއީ ޤާނޫނާއި ގަވާއިދުތަކާވެސް ޚިލާފު ކަމަކަށްވާއިރު ރަށުގެ ނިޒާމީ ތަޢުލީމު ފެންވަރު ރަނގަޅު ގޮތެއްގައި ހަމަހަމަކަމާއެކު ކިޔަވާ ކުދިންނަށް ފޯރުކޮށްދިނުމުގައި ބުރޫއަރާނެ ކަމެއް ކަމުގައި ކައުންސިލުން ދެކޭ ކަމަށެވެ.
އެހެންކަމުން، ކައުންސިލްގެ އެންގުމާ ޚިލާފަށް ގަވާއިދާ ޚިލާފަށް ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާއި އަގުހަދައިގެން ގައްދޫގައި ޓިއުޝަން ދެމުންގެންދާ މުދައްރިސުންނަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާއި އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން