މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު 12:30 އިން 18:30 އަށް، ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ވަނީ މި ސަރަހައްދުތަކަށް މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން މި ވަގުތުތަކުގައި މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 09:30 އިން 13:30 އަށް ތ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ލ. މާވަށަށެވެ. އެ ރަށަށް 49.6 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ވ. ރަކީދުއާއި، އދ. މާމިގިއްޔަށެވެ.
މި ލިޔުން ކިޔާލުމުން