Saturday, October 31
ނިލަންދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދޭނަން: ރައީސް

ގއ.ނިލަންދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން، އެ ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިފަދަ ޔަގީންކަމެއް ދެއްވީ ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ހަވީރު ގއ. ނިލަންދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އުމްރާނީ ތަރައްގީގެ ގޮތުންނާއި، އިޖުތިމާއީ ތަރައްގީގެ ގޮތުން ގިނަގުނަ ކަންތައްތަކެއްވެގެން ދިއުމަކީ ނިލަންދޫގެ ރައްޔިތުން އުންމީދުކުރާ ކަމެއްކަން ފާހަގަަކުރައްވަމުން ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް، މީގެތެރެއިން ބައެއް ކަންކަމުގައި ކުރިއަށްދާނެ ކަމަަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

އެގޮތުން އެ ކަންކަމަށް ވަރަށް ސަމާލުކަން ދެއްވައިގެން، އެ ކަންކަމުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ މަސައްކަތަކަށް ވާނީ، ސަރުކާރުގެ އަމާޒަކަށް ވާނީ، ރައްޔިތުން އެދޭގޮތަށް ކަންތައްތައް ފަހިކޮށްދީ، އެކަންކަން ހާސިލުކޮށްދިނުން.

މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޖުމްލަކޮށް ހުރިހާ ދާއިރާއަކުން ނިލަންދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ ތެރެއިން، މި އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ފެށި، އަދި ފެށިފައި ނުނިމިހުރި ކަންކަން ނިންމަވަމުން ގެންދަވާނެ ކަމަށެވެ. އެއާއެކު ދެންހުރި ކަންކަން މި އަހަރާއި، މި އަންނަ އަހަރު ތެރެޔަށް ބަހައިލައިގެން އެ ކަންކަން ފަށްޓަވައިދީ، ނިންމަވަމުން ގެންދަވާނެ ކަމުގެ ކަށަވަރުކަން ވެސް ދެއްވިއެވެ.

ރައީސް، ޔަގީންކަން ދެއްްވި ކަންކަން:

  • ބަނދަރު ތަރައްގީކޮށް، ބަނދަރު އިތުރަށް ފުރިހަމަކުރެއްވުން.
  • ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުން.
  • ފެނާއި ނަރުދަމާގެ މަސައްކަތް ނިންމެވުން.
  • ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރެއްވުން. ވަކިން ޚާއްސަކޮށް، ފުޓްސަލް ދަނޑު އަޅައިދެއްވުން.
  • ސްކޫލުގައި މަލްޓިޕާރޕަސް ހޯލެއް އަޅައިދެއްވުން.
  • ދަނޑުވެރިންގެ ޕްރޮޑަކްޓްސް ވިއްކުމަށްޓަކައި ކަންތައްތައް ހަމަޖައްސައިދެއްވުން.
  • ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ދޭ ގަޑި އިތުރުކުރެއްވުން.

މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރެއްވުންކަން ފާހަގަކުރައްވައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ބަލާއިރު، ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއް ކަމަށާއި، އެހެންކަމުން ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާ ހޯދޭނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ނިލަންދޫގެ ތަރައްގީއަށް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތީ އަމަލީ ގޮތުން ހަގީގީ މާނައިގައި ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖެހިގެން ދިޔުން ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން ހާސިލުކޮށްދޭނަން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު