ރާއްޖެއަށް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގެ އުފާވެރި، ޔަގީން ޚަބަރު ދެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ގއ. ކަނޑުހުޅުދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުތަކަކީ ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ރަނގަޅު، އުފާވެރި، ޔަގީން ޚަބަރު ދެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަަށެވެ.
''ދަތުރުތައް މި ކުރަނީ މި ކަންކަން ކޮށްދޭނެ ވާހަކަ، ރައްޔިތުންނަށް މުހިންމުވާ ކަންކަން ވަރަށް އިސްކަންދީގެން މި އަހަރުތެރޭގައި ހިނގައިގަންނާނެ ވާހަކަ އަދި ނިމެމުންދާނެ ވާހަކަ ދަންނަަވައިލަން.'' ރައީސް ވިދާޅުވިއެވެ.
ތި ބޭފުޅުން ވިދާޅުވާން ހުރި ކަންތައްތައް ވެސް ތަންކޮޅެއް ގާތުން މިހެން ބައްދަލުވެލައިގެން ދައްކައިލުމުގެ ފުރުސަތު ދިނުމަށްޓަކައި، އަދި އަޑުއަހަން ވެސް އަޅުގަނޑުު ބޭނުންވާތީ.
ފެށިގެން މިދާ އަހަރަކީ ގިނަ މައްސަލަތަކަށް ދާއިމީ ގޮތެއްގައި ހައްލު ގެނެސްދޭ އަހަރުކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެށްޓެވީ އިއްޔެ ހެނދުނުއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހުވަދުއަތޮޅު ދެކުނުބުރިން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. ހުވަދުއަތޮޅު އުތުރުބުރީން ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި، ރަށްތަކާ އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން މިއަހަރު ކުރައްވާ ދެވަނަ ދަތުރުފުޅެކެވެ. ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ކ.ގުޅިއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން