Saturday, October 31
ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުސަތު ހުޅުވައިލައިފި

ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގެޒެޓުކުރި އިއުލާނުގައި ބުނީ ކަސްޓަމްސް ބްރޯކަރސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ. މިއީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ.

ކޯހުގެ ޝަރުތުތައް:

  • ޖީސީއީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން.
  • އެމްކިއުއޭ ލެވެލް 2 ގެ ސެޓްފިކެޓެއް ހާސިލު ކޮށްފައިވުން.
  • ގްރޭޑް 6 ނިންމާފައިވުމާއެކު އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް ދާއިރާގައި 01 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ  ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއް ހުރި ނަމަ، އެފައިސާއެއް ދައްކާފައިވާ ފަރާތެއް ކަމުގައިވުން.

ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގެ މަގުސަދަކީ މުދާ ކްލިއަރކުރުމުގެ ކަންކަމުގައި ކަސްޓަމްސްގެ އޮފީހާއެކު މުއާލާތްކުރާ ފަރާތްތަކަކީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޚާއްސަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.

މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.

Module 1 - Brokers Regulation and Customs Procedures Module 2 - Valuation Process Module 3 - Harmonized System Module 4 - Documentation Process

ކަސްޓަމްސްއިން ބުނީ މިކޯހުގެ ކިޔެވުން ކުރިއަށްދާނީ ފޭސް-ޓު-ފޭސް ކޮށް މާލޭގެ ކަސްޓަމްސް ބިލްޑިންގގައި  ކަމަށެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަކަށް (ވީކް ޑޭސް)، މެންދުރު 2 އިން ހަވީރު 5 އަށް ކަމަށެވެ. ކޯހަށް މީހުން ހޮވުމުގައި އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި  އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިއާޔަތްކޮށް އެ ފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް އޮންނާނެއެވެ.

މި ކޯހުގެ ފީއަކީ 6000 ރުފިޔާއެވެ. މި ކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒްއިން ކަނޑައަޅާ އުސޫލެއްގެ މަތިން ހަމަޖައްސައި ދެވޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމް

ކޯހަށް އެދޭ ފަރާތުގެ ވަނަވަރު

ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ

ކަސްޓަމްސްގެ މެދުވެރިއެއްގެ ގޮތުގައި ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި ޢަމަލީ ގޮތުން ޙަރާކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުން

ކޯހަށް ހޮވިއްޖެނަމަ ކުލާހަށް ހާޒިރުވުމަށް އިއުތިރާޒެއް ނެތްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުން

ކަސްޓަމްސްއިން ބުނީ 2 ފެބްރުއަރީ ވާ އާދިއތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ގުޅުންހުރި ލިޔުންތައް ކަސްޓަމްސް އެކަޑަމީގެ މެއިލް application.academy@customs.gov.mv އަށް ފޮނުވުން އެދޭ ކަމަށެވެ. އަދި މިކަމަށް އެދޭ ފޯމު ކަސްޓަމްސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދުގެ 473 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ވިޔަފާރީގެ ހިއްސާދާރުން/ ޑިރެކްޓަރުން/ ޕާޓްނަރުން/ މުވައްޒަފުންގެ ތެރޭގައިި، ކަސްޓަމްސްގެ ސަރަހައްދުތައް އޮންނަ ބަނދަރުތައް ހިންގާ ފަރާތުގެ މުވައްޒަފަކު ނުވަތަ ކަސްޓަމްސްގެ މުވައްޒަފެއް/ މުވައްޒަފެއްގެ އަނބި/ފިރިއެއް ނެތްނަމައެވެ. އަދި ވިޔަފާރީގެ ހިއްސާދާރުން ތެރޭގައި ނުވަތަ ޑިރެކްޓަރުން ތެރޭގައި ނުވަތަ ޕާޓްނަރުން ތެރޭގައި ކަސްޓަމްސް މުވައްޒަފެއްގެ ދަރިޔަކު ނެތްނަމައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު