Saturday, October 31
ފެބްރުއަރީގައި ބާއްވާ ބައި-އިލެކްޝަންތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ

އަންނަ ފެބްރުއަރީމަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.

ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އީސީއިން ކުރި އިއުލާނު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި https://my.elections.gov.mv ލިންކް މެދުވެރިކޮށް ހުށަހެޅުއްވުމަށް އީސީއިން ވަނީ އެދިފައެވެ.

ބައި އިލެކްޝަންއާ ގުޅިގެން ވޯޓުލާ މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވާ ސިޓީ/ރަށްތައް:

  • ހދ. ހިރިމަރަދޫ
  • އދ. ހަންޏާމީދޫ
  • ނ. ލަންދޫ
  • ދ. ހުޅުދެލި
  • ނ. މިލަދޫ
  • ލ. ގަން
  • ނ. ފޮއްދޫ
  • ތ. ބުރުނި
  • ރ. އިންނަމާދޫ
  • ގއ. ކަނޑުހުޅުދޫ
  • ބ. ގޮއިދޫ
  • މާލެ ސިޓީ

އޮފިޝަލުންގެ ޝަރުތުތައް: 

  • ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން.

އުޖޫރައާއި އިނާޔަތްތައް:

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1800 ރ. ހަމައެކަނި ވޯޓުލާ ދުވަހު.
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1600 ރ. ހަމައެކަނި ވޯޓުލާ ދުވަހު.
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1500 ރ. ހަމައެކަނި ވޯޓުލާ ދުވަހު.
  • ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 700 ރ. ހަމައެކަނި ވޯޓުލާ ދުވަހު.

އީސީއިން ބުނީ އުޖޫރައިގެ އިތުރުން، މަސައްކަތްކުރާ ވަގުތަށް ބަލައި ވޯޓުލާ ދުވަހުގެ ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ. ނުވަތަ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ގަވާއިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސާއެކު ޖަމާކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރ. ލިބޭނެ ކަމަށެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަ ސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެކަމަށް އީސީއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި 300 ރ. ލިބޭނެއެވެ.

އީސީއިން ބުނީ މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ފެބުރުވަރީ 1 އާ 4 އާ ދެމެދުގައެވެ. އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2025 ފެބުރުވަރީ 1 އިން 8 އަށް ވޯޓުލާ މަރުކަޒު ގާއިމްކުރާ ސިޓީ/ރަށުގައި ހުންނަ ފަރާތަކަށް ވާންޖެހެއެވެ.

އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ ވޯޓުލާ މަރުކަޒު ގާއިމުކުރާ ސިޓީ/ރަށުގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ
  • ވަނަވަރު
  • ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އީސީއިން ވަނީ އެދިފައެވެ.

ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމު ބަލައިގަންނާނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު