ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ގ.ނޫރަންފިނި، މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރައްވަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ ނޮވެންބަރު 25 ގައެވެ.
މި މައްސަލަ ދިރާސާކުރުމަށްފަހު، މި މަހުގެ 4 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން، އެންއައިސީގެ މެންބަރު ކަމަށް އިންޝާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެންއައިސީގެ މެންބަރު ކަމަށް އިންޝާ އައްޔަން ކުރަން ފެނޭތޯ ބެލުމަށް ވޯޓު ނަގައިފައެވެ.
އެގޮތުން އޭނާއަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ. ރުހުންދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
އިންޝާއަކީ އެންއައިސީގެ ސީނިއަރ އިންވެސްޓިގޭޓާއެއްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅުކެވެ.
އެންއައިސީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްސެކެވެ.
އެންއައިސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި، އެފަދަ އަމަލެއްކަމަށް ބަލައި ތަހުގީގުކުރުމާއި، އެފަދަ އަމަލެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހުގީގުކުރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން