ދޮންކޭލުގެ ޝިޕްމަންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ކޮކެއިން ޑޮމިނިކަން ރިޕަބްލިކުން އަތުލައިގެންފިއެވެ. އެ ޤައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން މިހާތަނަށް އެ ޤައުމުން އަތުލައިގެންފައިވާ އެންމެ ގިނަ ކޮކެއިންގެ ފަހު މަންޒިލަކީ ޔޫރަޕު ކަމަށެވެ.
މިގޮތުން ދޮންކޭލުގެ ޝިޕްމަންޓެއްގައި ފޮރުވާފައިވާ 9،500 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ސެންޓޯ ޑޮމިންގޯގެ ބަނދަރުންނެވެ. 320 ކޮތަޅުގައި ފޮރުވާފައި ހުރި މި ކޮކެއިންގެ މަގުމަތީ އަގު 250 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ނޭޝަނަލް ޑްރަގް ކޮންޓްރޯލް ޑައިރެކްޓަރޭޓުން މަޢުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ބަނދަރާ ގުޅޭ 10 މީހަކު ތަޙުޤީޤު ކުރަމުންދާއިރު، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ދޮންކޭލުގެ ޝިޕްމަންޓް އައިސްފައިވަނީ ގުއަޓެމާލާ އިންނެވެ.
"ކާކުކަން ނޭނގޭ ވަރަށް ގިނަ މީހުން ވަނީ ބެލްޖިއަމަށް ދާ އުޅަނދަކަށް އަރުވަން ހަމަޖެހިފައިވާ ކޮންޓެއިނަރަކަށް ޑްރަގު ބަދަލުކުރުމަށް މަސައްކަތް ކޮށްފައި"، ކޮމިއުނިކޭޝަންސް ޗީފް، ކާލޮސް ޑެންވާސް ވިދާޅުވިއެވެ.
މީގެ ކުރިން 2006 ވަނަ އަހަރު ހަމަ އެ ބަނދަރުން ޑޮމިނިކަން ރިޕަބްލިކްގެ ކަމާބެހޭ ފަރާތްތަކުން ވަނީ 2،580 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
މި ލިޔުން ކިޔާލުމުން