މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފީސިބިލިޓީ ދިރާސާއާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލާއެކު ވަނީ މަޝްރޫއުގައި ހިމެނޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައެވެ. ސްޓޭޓް މިނިސްޓަރު އިބްރާހިމް ތާއަމް މުޙައްމަދު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޡީމްގެ އިތުރުން މޭޔަރ އާދަމް ޢާޒިމް، ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އަދި ޗައިނާ ސަރުކާރުން ޢައްޔަންކުރައްވާފައިވާ މާހިރުންގެ ޓީމާއި ވުޒާރާގެ ޓެކްނިކަލް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށްދާ ފީސިބިލިޓީ ދިރާސާ މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ލަފާކުރެވެއެވެ. މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ރޭވިގެންދާނެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ވެރިރަށް މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ޗައިނާ ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
މި ލިޔުން ކިޔާލުމުން