މޫނު ނިވާކޮށްގެން ތިބި ބަޔަކު އަމީނީ މަގުގައި ހުރި ކެފޭއަކަށް ގެއްލުންދިން މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން ގޭންގް ކްރައިމް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ އާރިފް ވިދާޅުވީ 2024 އޮކޮޓޫބަރު 27 ވަނަ ދުވަހު ގާތްގަނޑަކަށް 17:53 ހާއިރު މޫނު ނިވާކުރުމުގެ ގޮތުން ހެލްމެޓް އަޅައިގެން ތިބި ބަޔަކު އަމީނީ މަގުގައި ހުންނަ "ކެފޭ ދި މާލެ "އަށް ނުރައްކާތެރި ހަތިޔާރު ހިފައިގެން ވަދެ އެތާގެ މުދަލަށް ގެއްލުން ދިން މައްސަލައެއް ތަހުގީގު ކުރަމުން ދާކަމަށެވެ.
އަލީ އާރިފް ވިދާޅުވީ އެ އަމަލަކީ ދުރާލާ ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. މިގޮތުން އަމަލީ ގޮތުން މިކަމުގައި ދެމީހަކު ބައިވެރިވެފައި ވާކަމާއި، އެދެމީހުންނަށް އެހީވެދިނުމުގެ ގޮތުން ކުރީބައިގައި ގޮސް އިތުރު މީހަކު ކެފޭ ވީޑިއޯ ކުރިކަމާއި، ވީޑިއޯ ކުރިމީހާ ކެފޭގެ ތެރެއިން ނިކުންތާ 10 މިނިޓް ފަހުން ހެލްމެޓް އަޅައިގެން ތިބި ދެމީހުން ވަދެ ކެފޭގެ މުދަލަށް ގެއްލުން ދިންކަން ތަހުގީގަށް އެނގިފައި ވާކަމެވެ.
އަދި ހެލްމެޓް އަޅައިގެން ތިބި ދެމީހުން ވެސް ތިބީ ސާރޖިކަލް މާސްކް އަޅައިގެން ކަމާއި ލައިގެން ތިބި އަންނައުނުގެ މަތިން އަންނައުނު ލައިގެން ތިބި ކަންވެސް ފާހަގަވެފައިވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ .އަދި މި އަމަލު ހިންގާފައިވަނީ ކަސްޓަމަރުން ވެސް ތިއްބަ މަރުތޭލަކުން ކަމާއި މީގެ ސަބަބުން "ކެފޭ ދި މާލެ "ގެ މުދަލަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ކަން ފާހަގަވެފައިވާ ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.
އެގޮތުން ކެފޭގެ ކޭޝް ކައުނޓަރ ބޭރުން ޖަހާފައި ހުރި ސޭފްޓީ ބިއްލޫރިގަނޑާއި ހެދިކާ ޑިސްޕްލޭކުރުމަށް ބަހައްޓާފައި ހުރި ޝޯކޭސް ގެ ބިއްލޫރިގަނޑު ތަޅާލާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައި ވާކަމާއި އަދި ކެފޭގަ ހުރި ޑީއޯއެސް މެޝިނާއި، ލޭންޑް ލައިން ފޯނަކާއި، ޕްރިންޓަރާއި، މޭޒާއި ފެން އަޅާފައިވާ ބައެއް ބިއްލޫރި ތަށި ތަކާއި ކޭޝް ޓްރޭ އެއް ވެސް ތަޅާލާފައި ވާ ކަމަށް ފާހަގަވެފައި ވާ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.
އަދި ކެފޭއަށް ގެއްލުން ދިނުމަށްފަހު އެމީހުން އަޅައިގެން ހުރި ހެލްމެޓާއި އެމީހުން ލައިގެން ތިބި އަންނައުނު މާލޭގެ ފަޅު ގެއަކަށް އުކާލައިފައި ވަނިކޮށް ފުލުހުން ވަނީ އެ ތަކެތިވެސް ހޯދާފައެވެ.
އަލީ އާރިފް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 3 މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައި ކަމާއި، މީގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި 18 އަހަރުގެ މީހެއް އަދި 21 އަހަރުގެ މީހެއް ހިމެނޭ ކަމާއި، ކެފޭއަށް ގެއްލުންދިނީ ގޭންގަކުން ބަދަލުހިފުމުގެ ރޫހުގައިކަމަށެވެ.
މި ލިޔުން ކިޔާލުމުން