ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ އޮކްޓޫބަރު މަހު ދައުލަތަށް 1.73 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން އޮކްޓޫބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 66.27 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު %14.2 ދަށް އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ %30.5 އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ އާއި، އެއަރޕޯޓު ޓެކުހާއި ފީތަކުގެ އިތުރުން ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓު ދެއްކުމުގެ މުއްދަތު އޮކްޓޫބަރު މަހަށް ފަސްކުރުމުގެ ސަބަބުންނެވެ. މިއާ ޚިލާފަށް މި އަހަރުގެ އޮކްޓޫބަރު މަހުގައި ޓެކްސް ދެއްކުމުގެ ސުންގަޑިއަށް އެފަދަ ބަދަލެއް ގެނެސްފައިނުވެއެވެ.
މީގެ އިތުރުން މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ޖީ.އެސް.ޓީ އާއި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، ގްރީން ޓެކްސް، އެކްސްޕެޓްރިއޭޓް ކޯޓާ ފީ އަދި އެއަރޕޯޓު ޓެކުހާއި ފީތައް އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އަންދާޒާކުރި މިންވަރަށްވުރެ ސެޕްޓެންބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %2.1 އިތުރުވުމަކީވެސް މިދިޔަ މަހުގެ އާމްދަނީ އިތުރުވި ސަބަބެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ %63.1 ނުވަތަ 1.09 ބިލިއަން ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ %6.7 ނުވަތަ 115.54 މިލިއަން ފުފިޔާ އެވެ.
މީގެ އިތުރުން ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 94.71 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 77.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 75.83 ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ ސެޕްޓެންބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ އެވެ.
މި ލިޔުން ކިޔާލުމުން