މި ސަރުކާރަކީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ދެފުށް ފެންނަ ސަރުކާރެއް ގޮތުގައި މަސައްކަތް ކުރުމަށް ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން "ރައްޔިތުންގެ އަޑު" ޕޯޓަލްގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 840 އަށް ވުރެ ގިނަ ސުވާލު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވައި އޭގެތެރިން ޖަވާބު ނުދެވި އޮތީ ގާތްގަނޑަކަށް 22 ސުވާލުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނަށް މިހާތަނަށް ލިބިވަޑައިގެންނެވި އާރު.ޓީ.އައި ތަކުގެތެރެއިން 90 އިންސައްތައަށް ޖަވާބުދާރީ ވެވަޑައިގެންފައިވާނެކަމަށާއި، މިފަހުން އައި އެއްވެސް ސަރުކާރަކުން ނުބާއްވާވަރަށް، ނޫސްވެރިންގެ ބައްދަލުވުން ސަރުކާރުގެ ފަރާތުން އެކި މިނިސްޓަރުންނާއި އެކި ބޭފުޅުން މެދުވެރިކުރައްވައިގެން ބާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަރުކާރު ވެބްސައިޓް ނަމުގައި ވެބްސައިޓެއް ހައްދަވައިގެން ސަރުކާރުން ކުރަމުންދާކަންކަން ދުވަހުން ދުވަހަށް ރައްޔިތުންނާ ޙިއްޞާކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައްޕާފުޅުގެ "ދައުލަތާއި ވެރިންނާއި މަސްޢޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފުހޫމް" ފޮތުން މަޢުލޫމާތު ހާމަކުރުމާއި ޞައްޙަ މަޢުލޫމާތު ނޫސްވެރިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"ޑިމޮކްރެޓިކް ނިޒާމެއްގައި އެއް ނަޒަރަކުން އެންމެ ބާރުގަދަ ބަޔަކު ކަމުގައިވެސް ބަލަނީ ނޫސްވެރިންނޭ، އެހެންވީމާ ނޫސްވެރިންގެ ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީގަ އަދާކޮށްދެއްވައްޗޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގަ އިސްލާމީ ޤައުމެއްގައި އޮންނަންޖެހޭ ގޮތަށް އެކަން ކުރެވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން