އަރބަން ސެންޓަރުތަކާ ގުޅޭގޮތުން އޮޅުވާލައިގެން ވާހަކަ ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށްކަމަށް ބުނުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީފަރާތް ތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ އަރބަން ސެންޓަރުގެ ގޮތުގައި 7 ރަށެއް ތަރައްޤީކުރުމަށް ކަނޑައެޅުއްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ޙަޤީގާތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދިއުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އާބަން ސެންޓަރުތައް ތަރައްޤީކުރުމުގެ މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަން ކަމަށެވެ.
އަދި އާބަން ސެންޓަރު ގާއިމްކުރާނެ ގޮތް އެމަނިކުފާނުގެ މެނިފެސްޓޯގެ ޗެޕްޓަރު ހަތަރެއްގެ 12، 13 އަދި 14 ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އަދި މެނިފެސްޓޯ އިފުތިތާހުކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އެވާހަކަ ބަޔާންކޮށްފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުންކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އާބަން ސެންޓަރުތައް ގާއިމުކުރާ ހަތް ރަށް ހައުސިން މިނިސްޓްރީން އިއުލާނުކުރީ މިއަދެވެ. އެ ރަށްތަކަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.
މި ލިޔުން ކިޔާލުމުން