މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް މިއަދު ރައީސް އިފްތިތާހުކޮށްދެއްވީ ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެ ވެ.
މިއީ ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވާ ރާއްޖޭގެ ޓީޗަރުންގެ ދަތިކަން ހައްލުކުރަން ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި މިއަހަރު ބައިވެރިވީ 135 މީހުންނެވެ. އެ މީހުންނަށް ވަނީ ސްކޮލަޝިޕްގެ ލިޔުން ޙަވާލުކޮށްފަ އެވެ. ޕްރޮގްރާމްގެ ކޮންމެ ބައިވެރިޔަކަށް މަހަކު 1،500ރ. ގެ ސްޓައިޕެންޑެއް ވެސް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވާހަކަ ދައްކަވަމުން ވިދާޅުވީ ޕްރައިމަރީ ގުރޭޑުތަކަށް މިހާރުން މިހާރު ވެސް 250 ވަރަކަށް ޓީޗަރުން ބޭނުންވާ ކަމަށެވެ. އެގޮތުން އިނގިރޭސި އާއި ހިސާބާއި ސައިންސް މާއްދާތައް ކިޔަވައި ދިނުމަށް ބޭނުންވާ ޓީޗަރުން އެކަށީގެންވާ އަދަދަށް ނެތްކަން ފާހަގަކުރެއްވައި މިނިސްޓަރު ވިދާޅުވީ ސައިންސްގެ މާއްދާތަކުން ދަސްވެނިވާ ދަރިވަރުން މަދު ކަމަށެވެ. އަދި ސައިންސްގެ މާއްދާތަކުން ދަރިވަރުންގެ ނަތީޖާތައް ވެސް ދަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މަތީ ތައުލީމުގެ ފުރުސަތުތައް ރަށުގައި ތިބެގެން ހާސިލުކުރެވޭނެ ގޮތްތައް އިންތިޒާމުކުރުމަށް ގިނަ ބަޔަކު އެދޭތީ މި ޕްރޮގުރާމުގެ ވީހާ ވެސް ގިނަ މާއްދާތަކެއް ރަށުގައި ތިބެގެން ކިޔެވޭ ގޮތަށް އިންތިޒާމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސްގެ ލަފާފުޅާ އެއްގޮތަށް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ގްރޭޑް 11 ގައި އޭ ލެވެލް އަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭ ލެވެލްގެ ކިޔެވުމާއެކު، ޓީޗިން ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިން ޑިގްރީ ޕްރޮގްރާމް ފަށާ ގޮތަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން