ކުރިއަށް އޮތް 20 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިއަދު އިފުތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައިި ދިވެހިރާއްޖޭގެ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ޕްލޭނާބެހޭ މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާއި، މަޝްވަރާ ވީހާވެސް ފުޅާދާއިރާއެއްގައި ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން މި ޕްލޭނަށް ގާނޫނީ ބާރުވެރިކަން ގެނެސްދޭނެ ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް މި މަސައްކަތުގެ ތެރޭގައި އެކުލަވައިލެވި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށްޓަކައި، ގާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްލޭން އެކުލަވާނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
މިނިސްޓަރު ވަނީ މިކަމުގައި ހުރިހާ ރައްޔިތުން ވެސް އަމިއްލަ ޚިޔާލާއި މަޝްވަރާއާއި، ލަފާ ސަރުކާރަށް ދިނުމަށް އެދިވަޑައިގެންފައެވެ.
ހުރިހާ ރައްޔިތުން ޝާމިލްވެގެން 20 އަހަރު ދުވަހު ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅެވެ.
މި ލިޔުން ކިޔާލުމުން