ގެދޮރުގެ ތަނަވަސްކަން ފަހިކޮށް ދޭން ސަރުކާރުން "ހިޔާވެހި ފައިނޭންސިން ސްކީމް" އިފްތިތާހުކޮށްފިއެވެ.
މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ފަހިކޮށް ދިނުމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކީމް އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައި ނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހި ކަމެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ވަޢުދެއް ކަމަށެވެ.
އަދި މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސަންޓްގެ ސާވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ ސްކީމެއް،' މިނިސްޓަރ ވިދާޅުވި އެވެ. މި ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެ ދޮރުގެ ތަނަވަސްކަން ލިބިގެން ދާނެ ކަމަށް ގަބޫލުކުރާކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި ސްކީމަށް ހުށަހެޅޭނީ އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހި ކަމެއް ނެތް މީހުންނަށެވެ.
މި ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
އެއީ އިކުއިޓީއެއް ދައްކަން ނުޖެހޭ ގޮތަށް އެޗްޑީއެފްސީ މެދުވެރިކޮށް، އަތޮޅު ތެރެއަށްދޫކުރާ އެއް މިލިއަން ރުފިޔާގެ ލޯން އާއި، ބީއެމްއެލާއި އެމްއައިބީ މެދުވެރިކޮށް، އާބަން ސެންޓަރުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ލޯން އާއި، އަދި މާލެ ސަރަހައްދުގައި ގެއަޅަން ފުރަމާލެއަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ލޯން އެވެ. މި ސްކީމްގެ ބޭނުމަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމަން އެހީވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.
"ހިޔާވެހި ފައިނޭންސިން ސްކީމް" އެދި ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
މި ލިޔުން ކިޔާލުމުން