ހުޅުމާލޭގައި ތަރައްގީކުރި ކެޓް ޝެލްޓަރ މިއަދު ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޓް ޝެލްޓަރ ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މާލެ ސިޓީގައި ބުޅާ ގިނަވެ، ނުބެލެހެއްޓި، އާއްމު ދިރިއުޅުމަށް އުނދަގޫވާ ވަރަށް އެކަން ދިޔައިރުވެސް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް 3 ދައުރުގަައި އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ.
2021 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރުކަމާ ހަވާލުވެ ވަޑައިގަތުމާއެކު، ރައީސް ޑރ. މުޢިއްޒު ވަނީ މާލެ ސިޓީގައި ގިނަވަމުންދާ ބުޅާތައް ވަކީން ރަނގަޅަށް ބެލެހެއްޓޭނެ ކެޓްޝެލްޓަރއެއް ގާއިމުކުރާނެ ބިމެއް ހަމަޖައްސަވައިދެއްވުމަށް 2021 ވަނަ އަހަރު ސަރުކާރުގައި އެދިވަޑައިގެންފައިއެވެ.
ނަމަވެސް އޭރު އޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރުން އެއްވެސް އެއްބާރުލުމެއް އެކަމަކަށް ދީފައެއްނުވެއެވެ. އަދި މާލެ ސިޓީގެ އެއްވެސް ސަރަހައްދަކުން ކެޓް ޝެލްޓަރއަށް ޚާއްސަ ބިމެއް ހަމަޖައްސައެއް ނުދިނެވެ.
ސަރުކާރުގެ އެއްބާރުލުން ނުލިބި މިކަން ދިގުލައި ދާން ފެށުމުން، މޭޔަރު ކަމުގައި ހުންނަވައި، މިކަން ހައްލުކުރެވޭނެ މަގެއް ފެނޭތޯ، ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަހައްދުން އެކަމަށް ޖާގައެއް ޚާއްސަ ކުރެއްވޭތޯ ވެސް 2023 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒު މަސައްކަތް ކުރެއްވިއެވެ.
2023 ނޮވެމްބަރު 17 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެން ރައީސް ވަނީ މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ހައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި، ކެޓް ޝެލްޓަރ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްސަ ބިމެއް ހަމަޖައްސަވައިދެއްވާފައެވެ. އަދި އެނިމަލްވެލްފެއަރ މިނިސްޓްރީއާ، މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓްޝެލްޓަރ ބިނާކުރެވޭނެ މާލީ އެހީއާއި ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވިއެވެ.
އެގޮތުން ހުޅުމާލޭގައި ބިނާކޮށް މިއަދު ހުޅުވައިދެއްވި ކެޓް ޝެލްޓަރގެ ސަބަބުން، އެތައް އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލަ ހައްލު ކުރެވޭނެއެވެ. ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަވާނެއެވެ. އަދި ބުޅާ ބެލެހެއްޓުންވެސް އޯގާތެރިކަމާ އަޅައިލުމާއެކު އިންތިޒާމު ކުރެވޭނެއެވެ.
ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރ ހަދާފައިވަނީ 5,000 އަކަފޫޓުގެ ބިމެއްގައެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތްދޭނެ ފެސިލިޓީއެކެވެ.
މި ލިޔުން ކިޔާލުމުން