ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު ސަރީރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ރުހުންދީފިއެވެ.
ރާއްޖެއިން ސަޢޫދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ސަރީރު އައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ސަފީރު ކަމަށް ސަރީރު އައްޔަންކުރައްވަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
އެގޮތަށް ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.
1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ސަރީރަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ސަރީރު ވަނީ ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމާއި، އ.ދ ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 2 ވަނަ ސެކްރެޓަރީ ކަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި، ފޮރިން ރިލޭޝަންސް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވާފައެވެ.
މި ލިޔުން ކިޔާލުމުން