މުސާރައިގެ %50 ނުނަންގަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އަންނަ އަހަރުން ފެށިގެން ދެއަހަރުގެ މުއްދަތަށް އެމަނިކުފާނުގެ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ހަމަޖައްސަން އަންގަވާފައިވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100,000 ރުފިޔާއެވެ. %50 އަށް މުސާރަ ކުޑަކުރުމުން ރައީސަށް ލިބިވަޑައިގަންނަވާނީ 50,000 ރުފިޔާއެވެ.
ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅޭނޭ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ، އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އަދި އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ.
މީގެއިތުރުން ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންވާނެއެވެ. މި އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.
މި ލިޔުން ކިޔާލުމުން