ސިޔާސީ މުވައްޒަފުންނާއި، ދައުލަތުގެ ވެރިންނާއި، މަޖިލިސް މެންބަރުންގެ މުސާރައިން %10 އުނިކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު މިކަން ހާމަކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މުސާރައާއި ގުޅޭ ގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމި ފިޔަވަޅުތައް ރައީސްގެ ޕޯސްޓުގައި ވަނީ ހިއްސާ ކުރައްވާފައެވެ.
1.ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
2.ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
3.މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
4.ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން