އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫޕީއައި) ރާއްޖެއަށް ތައާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުން ދެއްވި ލަފާފުޅާއެކުއެވެ.
ރައީސް އޮފީހުން ބުނީ ޔޫޕީއައި ތައާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ނިންމަވައި، މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް އެމަނިކުފާނު ހަމަޖެއްސެވީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ލީޑް ކުރާ ގޮތަށް، މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން