މަސްތުވާތަކެތީގެ މައްސަލައެއްގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ކްރިިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވީ ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.
އެއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ޖަނަވަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ.
އެ ތަންތަނުން ޖުމްލަ 54 ގްރާމް ޑައިމޯފިންއާއި 266 ގްރާމް ކެނަބިސް ފެނިފައިވެއެވެ. އަދި 1,542,675 ރުފިޔާ ވެސް ފެނިފައިވެއެވެ.
މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކޯޓުން ވަނީ ހަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން