ގްރީސްގެ ކުރީގެ ޑިފެންޑަރު ޖޯޖް ބަލްޑޮކް މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ގްރީސްގެ މީޑިއާތަކުން ބުނެފިއެވެ.
ބަލްޑޮކްގެ ހަށިގަނޑު ފެނިފައިވަނީ ބުދަ ދުވަހުގެރޭ ދަންވަރު އޭނާގެ ގޭގެ ސްވިމިން ޕޫލް ތެރެއިންނެވެ. މަރުވިއިރު އޭނާގެ އުމުރަކީ 31 އަހަރެވެ. އަދި މިހާތަނަށް މަރުވި ސަބަބު ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.
އެމްކޭ ޑޮންސް އިން 2009 ވަނަ އަހަރު ކެރިއަރު ފެށި ބަލްޑޮކް ވަނީ އެ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ. އެންމެ ފަހުން ބަލްޑޮކް ކުޅުނީ ގްރީސްގެ ކްލަބެއް ކަމަށްވާ ޕެނަތިނާއިކޯސްއާ އަށެވެ. އެ ކްލަބާ އޭނާ ގުޅުނީ މިދިޔަ މެއި މަހު، އިނގިރޭސި ކްލަބެއް ކަމަށްވާ ޝެފީލްޑް ޔުނައިޓެޑްގައި 7 އަހަރު ކުޅުމަށް ފަހުގައެވެ. އޭނާ ވަނީ އެ ކްލަބަށް ހުރިހާ މުބާރާތެއްގައި 219 މެޗު ކުޅެދީ، 2019 ވަނަ އަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވެ، 2023 ވަނަ އަހަރު އަނެއްކާވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަށް އެހީތެރިވެދީފައެވެ.
ބަލްޑޮކްގެ މަރާ ގުޅިގެން އޭނާގެ ގާތް މީހުންނާއި، ކްލަބުތަކުން ދަނީ އާއިލާއަށް ހިއްވަރުދީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
މި ލިޔުން ކިޔާލުމުން