ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރުދިން މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށްފިއެވެ.
އެމްއެންޕީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ، ސޯޝަލް މީޑިއާގައި މީހަކު ފާޅުގައި އިންޒާރުދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ މައްސަަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި އެކަށީގެންވާ ހަލުވި ތަހުގީގެއް ހިންގުމަށް އެމްއެންޕީއިން ވަނީ ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް ގޮވާލައިފައެވެ.
މި މައްސަލަ ކުށްވެރިކޮށް ޖޭޕީއިން ނެރުނު ބަޔާނުގައި ބުނީ މިފަދަ ނިރުބަވެރި އަދި އެހާމެ ނުރައްކާތެރި އިންޒާރެއް ގައުމުގެ ވަލިއްޔުލްއަމުރަށް ދިނުމަކީ ގައުމުގެ އަމާންކަން ނަގާލައި، ގައުމުގައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނެތިކޮށްލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާފަދަ ނާތަހުޒީބީ އަދި އެހާމެ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅު ނެތިކޮށްލާނެ ކަމަށް ބުނެ ދީފައިވާ މި ނިރުބަވެރި އިންޒާރަކީ ހަމައެކަނި އެމަނިކުފާނަށް ދިން އިންޒާރެއް ނޫން ކަމަށާއި އެއީ މުޅި ދިވެހި ގައުމަށް ދިން ބިރުވެރި އިންޒާރެއް ކަމަށް ޖޭޕީއިން ބުންޏެވެ.
ައަދި މި ނުރައްކާތެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް، އެ އަމަލު ހިންގި ފަރާތާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަވަސްކޮށް އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖޭޕީއިން ވަނީ ގޮވައިލާފައެވެ.
ރައީސް ޑރ.މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ރޭ އިންޒާރުދިނީ ''Ablor Myad Yosef'' ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މި ލިޔުން ކިޔާލުމުން