ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު މަދުވެގެން ހަތް މިލިއަން ރުފިޔާ ހަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ދަށުން، ފުރަތަމަ ފައިސާ ހަރަދުކުރަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ނޭޗާ ޕާކުތައް މަރާމާތުކުރުމަށް ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކޮންމެ އަހަރަކު މަދުވެގެން ހަތް މިލިއަން ރުފިޔާ ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމަށް ހޭދަކުރެއްވުމަށް ރައީސް ނިންމެވީ މިއަހަރުގެ ތިމާވެށި ދުވަސް ކަމަށްވާ ޖޫން 5 ގައި ކަމަށެވެ. އެގޮތުން، އެ ފަންޑުން ފުރަތަމަ ހޭދަކުރާ ފައިސާ އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކް މަރާމާތުކުރުމުގެ އިތުރުން، ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) ބެލެހެއްޓުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.
ގްރީން ފަންޑާ މެދު އާންމުންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ގްރީން ޓެކްސް ނެގި ނަމަވެސް ތިމާވެށީގެ ދާއިރާއަށް ކުރެވޭ ހޭދަތަކާ މެދު ސުވާލު އުފެދުނު ނަމަވެސް، އެ ފަންޑުގެ ސްޓޭޓްމަންޓްތަކުން ތިމާވެށީގެ މަޝްރޫއުތަކަށް ބޮޑެތި ހޭދަތަކެއް ކުރެވެމުންދާކަން އެނގޭނެ ކަމަށެވެ. އެގޮތުން، ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުތަކަށާއި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



