2024 ވަނަ އަހަރުގެ ޑިސެންބަރު 12 ވަނަ ދުވަހު، ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ގޮތުގެ ސީސީޓީވީ ފުޓެޖު ފުލުހުން އާންމުކޮށްފިއެވެ.
މި ހާދިސާ ހިނގި ގޮތާމެދު ސުވާލުތަކާއި ބަހުސްތައް އުފެދިފައިވަނިކޮށް، ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި ފުޓެޖުން ދައްކާ ގޮތުގައި، ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ގްރައުންޑް ފްލޯއިން ފުރަތަމަ ދުންއަރަން ފެށީ ހެނދުނު 6:13 ހާއިރުއެވެ. އެ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވީ އިމާރާތުގެ ސެކިއުރިޓީ ގާޑަކާއި އެސްޓީއޯ ކޮށިން ދިޔަ ބިދޭސީއެކެވެ. ނަމަވެސް، ހެނދުނު 6:17 ހާއިރު މި ހާދިސާ ފުރަތަމަ ރިޕޯޓުކުރީ އެ ސަރަހައްދުން ދިޔަ އެމްއެންޑީއެފްގެ އޮފް-ޑިއުޓީ އޮފިސަރެކެވެ. ސީސީޓީވީ ފުޓެޖުން ފަޔާ ފައިޓަރުން ހައުސިން މިނިސްޓްރީގެ ގޯތިތެރެއަށް ވަންނަ ތަން ފެންނަނީ 6:35 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިމާރާތުގައި ދުންގަނޑު ބޯވަމުން ދިޔަ ނަމަވެސް އަލިފާން ރޯވެފައިވާ ސީދާ ތަނެއް ފުރަތަމަ ފަޔާ ފައިޓަރުންނަށް ފެނިފައެއް ނުވެއެވެ. އަލިފާން ރޯވި ތަން ހޯދުމުގެ މަސައްކަތުގެ ތެރެއިން، ސީލިންގ މަތީގައި ރޯވެފައިހުރި ނަރުތަކެއް ފުރަތަމަ ފެނިފައިވަނީ 7:16 ގައެވެ. އެ އަލިފާންގަނޑު ނިއްވާލި ނަމަވެސް، ސީލިންގގެ އެކި ހިސާބުތަކަށް އަލިފާން ފެތުރެމުންދިއުމާ ގުޅިގެން އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އަލިފާންގަނޑު އެކި ތަންތަނަށް ފެތުރިގެން ދިއުމުގެ ސަބަބުން ކޮންޓްރޯލް ކުރެވުނީ މެންދުރުފަހު 12:45 ހާއިރުއެވެ. އަދި އެއްކޮށް ނިއްވާލެވުނީ ހަވީރު 15:30 ގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ އެއިމާރާތުގެ ވަށައިގެން ސީސީޓީވީ ހަރުކޮށްފައިވާ ގޮތް ހާމަކުރައްވާފައެވެ. އަދި ކެމެރާތަކަށް ނުފެނި އެއްވެސް މީހަކަށް އެ އިމާރާތަށް ނުވަދެވޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އަލިފާން ރޯވި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެ ރޭ ދަންވަރު 00:00 އާ ހަމައަށް އެ އިމާރާތަށް ވަދެފައިވަނީ މިނިސްޓްރީގެ މުވައްޒަފުން އެކަނި ކަމަށާއި، 00:40 ގައި އޮފީސް ތަޅުލުމަށްފަހު ތިބީ ދެ ސެކިއުރިޓީ ގާޑުންނެވެ. އަދި ހެނދުނު 6:01 ގައި ފުރަތަމަ އައި މަސައްކަތު މީހާވެސް އޮފީސް ތެރެއަށް ވަދެފައި ނުވާކަމަށް ފުލުހުން ހާމަކުރިއެވެ.
މި ލިޔުން ކިޔާލުމުން



