ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" ސައިޓީސް މުޢާހަދާގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ރާއްޖެއިން އެ ބާވަތް ބޭރުކުރެވޭނެ މިންވަރު ކޮންޓްރޯލްކޮށް، އަހަރަކު އެކްސްޕޯޓު ކުރެވޭނީ 10.95 ޓަނު ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން އިޢުލާނުކޮށްފިއެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) އިން ނޮވެންބަރު 2022 ގައި ބޭއްވި 19 ވަނަ "ކޮޕް" ބައްދަލުވުމުގައި، ކައްޗަލަ ވަނީ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައެވެ. އަދި އެކަމަށް ޢަމަލުކުރުމަށް ދިން 18 މަސް ދުވަހުގެ މުއްދަތަށްފަހު، 25 މޭ 2024 އިން ފެށިގެން މި ބާވަތަކީ ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތެއްގެ ގޮތުގައި ވަނީ ހަމަޖެހިގެން ގޮސްފައެވެ.
ސައިޓީސް މުޢާހަދާގެ ދަށުން، މި ޖަދުވަލުގައި ހިމެނޭ ބާވަތްތައް އެއް ޤައުމުން އަނެއް ޤައުމަށް ގެންދެވޭނީ އެކްސްޕޯޓްކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޚާއްޞަ ޕާމިޓަކާ އެކުގައެވެ. މި ޕާމިޓް ދޫކުރެވެނީ، އެ ޤައުމެއްގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ" އިން ހަދާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް) ގެ މައްޗަށް ބިނާކޮށް، އެ ބާވަތް މާހައުލުން ނަގައި އެކްސްޕޯޓް ކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަން ކަށަވަރުވުމުންނެވެ.
މިގޮތުން، ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ވަނީ ކައްޗަލައިގެ އެން.ޑީ.އެފް އެކުލަވާލައި، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމުގައިވާ އެންވަޔަރަންމަންޓް މިނިސްޓްރީއާ ޙިއްޞާކޮށްފައެވެ. މި ދިރާސާގެ އަލީގައި، ރާއްޖޭގައި ކައްޗަލަ މަސްވެރިކަން ކުރެވޭނެ ހަމަތަކާއި މިންވަރު ކަނޑައަޅައި، ވިޔަފާރީގެ އުސޫލުން އަހަރަކު އެކްސްޕޯޓް ކުރެވޭނީ ހިއްކާފައިވާ ކައްޗަލައިގެ 10.95 ޓަނު ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ލައިސަންސް ލިބިގެން ހުއިފިލަނޑާ ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ކޯޓާ ދޫކުރާނެ ފަރާތްތައް މިހާރު ވަނީ ކަނޑައަޅައި ޢާއްމުކޮށްފައެވެ.
އެހެންކަމުން، މިއަދުން ފެށިގެން 19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓް ކުރުމަށް ސައިޓީސް ޕާމިޓް ދޫކުރާނީ، ފިޝަރީޒް މިނިސްޓްރީގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޝަރުތުހަމަވާ ފަރާތްތަކަށް، އަހަރަކަށް ކަނޑައެޅިފައިވާ 10.95 ޓަނުގެ ކޯޓާއަށް ވުރެ އިތުރުނުވާނޭހެން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން



