ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއިން އިންތިޒާމުކޮށްގެން އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދިޔަ "ކޯޑިނޭޓެޑް ރެސްޕޮންސް ޓު އިލިސިޓް މެރިޓައިމް އެކްޓިވިޓީސް އިން ދަ އިންޑިއަން އޯޝަން ރީޖަން" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި 2026 ސެޕްޓެމްބަރު 9 އިން 11 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މެރިން ޕޮލިސްގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ނަދީމް ޙަބީބް އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒަހީރު ޢީސާއެވެ.
ފުލުހުން ބުނީ މިއީ މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ގާއިމުކޮށް، މެރިޓައިމް ޑޮމެއިން އެވެއަރނަސް ގުޅުން އިތުރަށް ހަރުދަނާކުރުގެ ބޭނުމުގައި ހިންގި ޕްރޮގްރާމެއް ކަމަށެވެ.
އަދި، ކަނޑުމަތީގައި ހިންގާ ގާނޫނާ ހިލާފު ކަންކަމުގައި ބައިވެރިވާ އުޅަނދުފަހަރު ހުއްޓުވުމަށާއި ދައުވާ އުފުލުމުގައި ބޭނުންކުރާ ގާނޫނީ އޮނިގަނޑުތަކާއި އިޖުރާއާތުތައް ދެނެގަތުމުގެ އިތުރުން، ކަނޑުގެ ސިފައިންނާއި، ކޯސްޓްގާޑާއި، ކަސްޓަމްސްއާއި، އިންޓެލިޖެންސް އިދާރާތަކާއި ކަނޑުމަތީގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން އަމަލީގޮތުން ޕްރެކްޓިސް ކުރުން ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ މި ޕްރޮގްރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ކަނޑުމަތީގެ ކުށްތަކަށް އެޓެންޑްވުމުގައި އަމަލުކުރާނެ އެއް އުއޫލުތަކެއް ކަނޑައެޅުމަށާއި، އޮޕަރޭޝަނަލް ދާއިރާތަކުގައި ހުރި ދަތިތައް ދެނެގަނެ، ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ބައިވެރިންގެ މެދުގައި ހިއްސާކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



