މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު، އެ މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި ހަލާކުވެފައިވާތީ، އެ މަގު އަލުން މަރާމާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ސެގްމެންޓް 1 ގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އަމީނީމަގު މަރާމާތު ކުރުމުގެ ސެގްމަންޓު 1 ގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށެވެ. އެހެންކަމުން މި މަސައްކަތް ކުރިއަށްދާތީ، އެ ސަރަޙައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، މަސައްކަތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ޚާއްސަކޮށް މަގުގެ ހުޅަނގު ފަރާތުގެ ތާރުގަނޑު އުފުލި މަގު ވަރަށް ބޮޑަށް ހަލާކުވިއެވެ. ފަންނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި މަގު މިހާ އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް ބަސް ފަދަ ބަރު އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމީނީމަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން މަގުގައި ތާރުއަޅައި މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށާއި، ބަހުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން



