އަންނަ މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކޮށްދިނުމަށް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންޓުން ތަމްސީލުކުރާ މުހިންމު އެސޯސިއޭޝަންތަކަކުން ދިވެހި ސަރުކާރާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި އެދިއްޖެއެވެ.
މިދިޔަ މަހުގެ 31 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޖީއެސްޓީ ގާނޫނުގެ 8 ވަނަ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފްރާންސްގެ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ)، 'ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން' (ސެޓޯ) އަދި އިޓަލީގެ 'އެސްޓޮއި ކޮންފިންޑޫސްޓްރިއާ ވިއާގީ' އިންނެވެ.
އިޓަލީގެ އެސްޓޮއީގެ ރައީސް ޕިއާ އެޒާޔާ ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ޓޫރިޒަމް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، އަހަރަކު 153،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީ މާކެޓަކީ މުހިންމު ސޯސް މާކެޓެއް ކަމަށެވެ. އަދި މި އިސްލާހު ތަންފީޒުކުރުމަށް ދީފައިވަނީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި، ބޭރުގެ ފަރާތްތައް ރަޖިސްޓްރީވުމާއި، އިންވޮއިސް ހެދުމާއި، ޓެކްސް ބަޔާން ހުށަހެޅުން ފަދަ ކަންކަމަށް ބޭނުންވާ އިދާރީ އަދި އަމަލީ އޮނިގަނޑެއް އެކުލަވާލެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، ވައިގެ ދަތުރާއި އިންޝުއަރެންސް ހިމެނޭ ޕެކޭޖުތަކުން ރާއްޖޭގެ ހިދުމަތަށް ނިސްބަތްވާ ޓެކްސް ވަކިކުރާނެ ސާފު އުސޫލެއް ނެތުމުގެ ގޮންޖެހުންވެސް ވަނީ ފާހަގަކޮށްފައެވެ.
އީޑީވީ އާއި ސެޓޯ ގުޅިގެން މީރާގެ ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ކުރިއަށް އޮތް ފިނި މޫސުމުގެ ބުކިންތައް ކުރީކޮޅު ވިއްކާފައިވާ އިރު، ޔޫރަޕިއަން ޔޫނިއަން ކޮންސިއުމާ ރައިޓްސް ގަވާއިދުތަކުގެ ސަބަބުން ވިއްކާފައިވާ ޕެކޭޖުތަކުގެ އަގު ބޮޑުކުރެވެން ނެތުމުން ކުދި ޓުއާ އޮޕަރޭޓަރުންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.
ޓުއާ އޮޕަރޭޓަރުން އެދިފައިވާ މުހިންމު ކަންކަން:
- ގާނޫނަށް އަމަލުކުރުން ފަސްކުރުން: ފުރިހަމަ ކޮމްޕްލަޔަންސް އޮނިގަނޑެއް އެކުލަވާލައި، އިންޑަސްޓްރީއާއެކު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން މި އިސްލާހަށް އަމަލުކުރުން 2027 ވަނަ އަހަރަށް ފަސްކޮށްދިނުން.
- މާއްދާތައް މުރާޖައާކުރުން: ދިވެހިރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކަށް ޖީއެސްޓީ ނިޒާމު ފުޅާކުރުމަށް ކަނޑައަޅާފައިވާ މާއްދާތައް އުވާލުން ނުވަތަ އިސްލާހުކުރުމަށް ރިއާޔަތްކުރުން.
- ކުރީގެ ބުކިންތަކަށް ލުއިދިނުން: މިހާރު ވިއްކާފައިވާ ބުކިންތަކަށް ކުރީގެ އުސޫލުން އަމަލުކޮށްދިނުމާއި، ވިޔަފާރީގެ މިންވަރަށް ބެލުމެއްނެތި އެންމެން ރަޖިސްޓްރީވާންޖެހޭ ބުރަ ކުޑަކުރުމަށް ކުދި އޮޕަރޭޓަރުންނަށް ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދިނުން.
މި ލިޔުން ކިޔާލުމުން



