ރާއްޖެއިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސަރބިއާ ގެ ރައީސް ހިޒް އެކްސަލަންސީ އެލެކްސެންޑަރ ވުޗިޗް އަށް އަރުވައިފިއެވެ.
މިކަމަށްޓަކައި ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސަރބިއާ" ގައި އިއްޔެ ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަރބިއާ ގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު އާމިނަތު ޝަބީނާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސަރބިއާ ގެ ރައީސް އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.
އަދި ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތް ކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އަރުވާފައިވެއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެކި ޤައުމުތަކުން ސަރބިއާ އަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލެންސީ މާރކޯ ޑުރިޗް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ސަފީރު ޝަބީނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ސަރބިއާ ގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް ގެ ހެޑް، މިސް ޔެލޭނާ މާރކޮވިޗް އާ ބައްދަލުކުރައްވާފައިވެއެވެ. އަދި މި ބައްދަލުވުންތަކުގެ ތެރޭގައި ތަޢުލީމާއި ފަތުރުވެރިކަމާ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އާމިނަތު ޝަބީނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ލިޔުން ކިޔާލުމުން



