ބޭރު ފައިސާއާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން، އަހަރެއްގެ ތެރޭގައި 25 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބޭ ވިޔަފާރިތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި ރަޖިސްޓްރީވާން އަންގައިފިއެވެ.
އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި، މީލާދީ އަހަރެއްގެ ތެރޭގައި މުދާ ވިއްކައިގެން ނުވަތަ ހިދުމަތް ފޯރުކޮށްދީގެން 25 މިލިއަން ޑޮލަރު ލިބޭ ކޮންމެ ކުންފުންޏަކުން މިއަދުން ފެށިގެން އެ އޮތޯރިޓީގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
މި ރަޖިސްޓްރޭޝަނަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭރު ފައިސާ ބޭންކުތަކަށް މާރުކުރުމުގެ އިޖުރާއަތްތައް ހިންގުމަށްޓަކައި ކުރެވޭ ކަމެކެވެ. އެގޮތުން، ގާނޫނު ބުނާ ގޮތުން މިފަދަ އެސްޓެބްލިޝްމަންޓްތަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 40 ޕަސެންޓް ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެއެވެ.
އެމްއެމްއޭގެ އިއުލާނުގައިވާ ގޮތުން، ރަޖިސްޓްރީވާން ހުށަހަޅާއިރު ބޭރު ފައިސާ ޖަމާކުރުމަށް ކަނޑައަޅާފައިވާ ބޭންކު އެކައުންޓްތަކުގެ ތަފްސީލުގެ އިތުރުން އެ އޮތޯރިޓީން އެދޭ އެހެނިހެން މައުލޫމާތުތައްވެސް ހުށަހަޅަން ޖެހޭނެކަމަށެވެ.
މި ލިޔުން ކިޔާލުމުން



