މާލެއާއި ހުޅުމާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ޒަމާނީ ޕާކިންގ އިމާރާތްތަކެއް އެޅުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވީ، ހުޅުމާލޭގައި ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މާލޭ ހީނާމާގޭ ބިމުގައި ޒަމާނީ ފެންވަރުގެ ޕާކިންގ ވަސީލަތެއް ޤާއިމްކުރުމަށް ބަޔަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސޯސަންމަގުގައި ހުންނަ އެމްއެންޔޫ އިމާރާތް ކައިރީގައިވެސް ޕާކިންގ ބިލްޑިންގެއް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު ސަޢީދު ޔަޤީންކަން ދެއްވި ގޮތުގައި، އަލަށް ޤާއިމްކުރެވޭ ޕާކިންގ ބިލްޑިންގތަކުން ޚިދުމަތުގެ އަގު ނަގާނީ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން، އަތްފޯރާ ފަށުގައެވެ.
އަދި މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އޭގެ ތެރޭގައި ބީއެމްއެލް ކުރިމަތީގައިވާ ޕާކިންގ ޒޯނުން ރަސްމީ ގަޑި ނޫން ވަގުތުތަކުގައި ކުޑަ އަގެއްގައި ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ އެހީ ހޯދައިގެން ނަމަވެސް، މުޅި މާލޭގެ ޓްރެފިކް ވަގުތުން ބެލެހެއްޓޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ޤާއިމްކުރުމާއި، ޕޮލިސް ވިޒިބިލިޓީ އިތުރުކުރުމަކީވެސް ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށްދާނެ ކަންކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



