ފ. ބިލެތްދޫގެ އާބާދީ އިތުރުކުރުމުގެ މަގުސަދުގައި، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށާއި، ރަށަށް އަލަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ބިލެތްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައިވާ ގޮތުން، މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ރަށުގެ ރަށްވެހިކަމުން ވަކިވާން އެދޭ ކޮންމެ މީހެއްގެ އަތުން 5,000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެން ރަށެއްގެ ދަފްތަރުން ކެނޑިގެން ބިލެތްދޫގެ ރަށްވެއްސަކަށްވާ މީހުންނަށް 2,500 ރުފިޔާގެ އިނާޔަތެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
ރަށުގެ އާބާދީ މަދުވަމުންދާތީ، މީގެ ކުރިން ޅ. ހިންނަވަރު ކައުންސިލުންވެސް ވަނީ އެފަދަ ފިޔަވަޅެއް އަޅާފައެވެ. އެ ރަށުން ނިންމާފައިވަނީ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 2,000 ރުފިޔާގެ ފީއެއް ނެގުމަށެވެ.
މި ލިޔުން ކިޔާލުމުން



