އިކޮނޮމިކް މިނިސްޓްރީން ވަނީ ތިލަފުށީގައި ތަރައްގީކުރާ އާ ބައިނަލްއަގުވާމީ ބަނދަރުގެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ވަކި ހާއްސަ އިސްކަމެއް ދީގެން ހަވާލުކޮށްފައިވާ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ ގާނޫނީ މިންގަނޑުތަކާއި ސަރުކާރުގެ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ނިންމުން ނިންމާފައިވަނީ ރާއްޖޭގެ ދުރުރާސްތާ ތަރައްގީއަށް އޮތް މުހިންމުކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށީ ބަނދަރަކީ ޤައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ ލާބައަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެއްވެސް ބައިވެރިއަކާމެދު ތަފާތުކުރުމެއް ނެތި، މަޝްރޫއުގެ ހުރިހާ ކަމެއްވެސް ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުގެ ގަވާއިދުތަކުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކު ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ. އަދި ޤައުމީ މަސްލަހަތާއި ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމުގެ ޔަގީންކަންވެސް ދީފައިވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ތިލަފުށީ ޕޯޓު އިންޑިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް، މިނިސްޓަރ ސައީދު ވަނީ އެ ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



