ހުޅުމާލެއިން ބިމެއް ވިއްކުމުގައި އުސޫލާ ޚިލާފުވެފައިވޭތޯ ބަލަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން "މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑް" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން، "ރަށުތެރެއިން ވިއްކާ 56 ގޯތި" ގެ ދަށުން ހުޅުމާލެ ފޭސް 1 އިން ގޯއްޗެއް، އަޙްމަދު ޒާހިރަށް ލިބިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.
މި ސްކީމުގެ ދަށުން އޭނާއަށް ކަނޑައެޅިފައިވަނީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި، އެ ބިމުގެ އަގަކީ 339,000 (ތިންލައްކަ ތިރީސްނުވަހާސް) ރުފިޔާކަން 24 ޑިސެންބަރު 2003 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުން ދޫކޮށްފައިވާ ލިޔުމުން އެނގެން އޮތް ނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ހުށަހަޅައިގެންވެސް މިއަދާ ހަމައަށްވެސް އެ ބިން ހަވާލުކުރެވިފައި ނުވާކަމަށް ބަޔާނުގައިވެއެވެ.
ވުޒާރާއިން ފާހަގަކުރި ގޮތުގައި، ގާތްގަނޑަކަށް 23 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުގައިވެސް އެފަރާތުން އެދެމުން އަންނާތީ، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން ބިން ވިއްކުމަށް އެއްބަސްވެފައިވާ ކޮމާޝަލް ޓާރމްސްތަކާ އެއްގޮތަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ވިއްކުމަށް ވަނީ ނިންމާފައެވެ. އަދި އަޙްމަދު ޒާހިރަށް ވިއްކުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ހިލޭ ދޫކުރުމަށް ނަގާފައިވާ ބިންތަކުގެ ތެރެއިން، އުސޫލުގައި ބަޔާންކުރާ އަސާސީ ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައިވާ ބިމެއްގެ އެއްބަސްވުން ބާތިލުކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، އެފަރާތަށް ބިން ވިއްކުމަށް ނިންމާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓާ ގުޅޭ އެންމެހައި ހައްޤުތައް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަކީ ނާޒުކު އަދި މުހިންމު މައްސަލައަކަށްވާތީ، އަޙްމަދު ޒާހިރަށް ބިން ވިއްކުމަށް ނިންމި ނިންމުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް މިނިސްޓްރީން އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބަލައިދިނުމަށް އެދި މިނިސްޓްރީން އިސްވެ މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެފަރާތާއެކު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އޭސީސީގެ ބަހެއް ހޯދުމަށްފަހު، ޤާނޫނީ ލަފާ ލިބުމުން ކަމުގައިވެސް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން



