ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ "ބްލޫސް ފެމެލީ ނައިޓް" މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވި ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި އިވެންޓް ކުރިއަށްދާނީ މިރޭ 8:30 އިން ފެށިގެން 11:00 އަށެވެ.
މި ޝޯގައި ގިނަގުނަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ހިމެނޭއިރު، ލައިވް އެންޓަޓެއިންމަންޓާއި، ސަގާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުމުގެ އިތުރުން ފުލުހުންގެ އެކި ބަހާތަކާއި އެކި ފަންނާނުން ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ އައިޓަމްތައް ފެނިގެންދާނެއެވެ. އެގޮތުން ޖުމްލަ 14 ފޯރިގަދަ އައިޓަމެއް މިރޭގެ ޝޯގައި ގެނެސްދިނުމަށް ވަނީ ރޭވިފައެވެ.
މިރޭގެ ހުށަހެޅުންތަކުގެ ތެރޭގައި މަޝްހޫރު ފަންނާނު ބާރަށު ޝިޔާމްގެ ހުށަހެޅުންތަކާއި، ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ އައިޓަމްތައް ހިމެނެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ސްޓޫޑެންޓް ޔޫނިއަންގެ ޑާންސް އަދި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކުގެ އިތުރުން މަޖާ ކޮމެޑީ އައިޓަމްތައް ވެސް މި ޝޯއިން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.
ސްޓޭޖް ހަރަކާތްތަކުގެ އިތުރުން، މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން، އިވެންޓް ކުރިއަށްދާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ވަނީ ގާއިމުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި "ބްލޫސް ފެމެލީ ނައިޓް" ގެ މައިގަނޑު މަގުސަދަކީ ފުލުހުންނާއި، ފުލުހުންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުން އެކުވެރި އަދި އުފާވެރި މާހައުލެއްގައި ބައްދަލުވެ، އެއްބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އެހެންކަމުން މިރޭގެ މި ޚާއްސަ ހަވީރުގައި ވީހާވެސް ގިނަ އާއިލާތަކުން ބައިވެރިވުމަށް ފުލުހުން ވަނީ ދައުވަތު އަރުވާފައެވެ.
މި ލިޔުން ކިޔާލުމުން



