ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސްޓެލްކޯގެ އެޗް.އާރް ޑިޕާޓްމަންޓަށް ގުޅި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، ތުހުމަތުކުރެވޭ މުވައްޒަފު މިހާރު މަސައްކަތުން އެކަހެރިކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާއެވެ. އެހެންކަމުން، މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުންދާނީ މި ދެންނެވި ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި ކަމަށާއި، ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



